ފެޓް
ފެޓް(އިނގިރޭސި ބަހުން: Fat) އަށް ލިޕިޑް(އިނގިރޭސި ބަހުން: Lipid) އޭ ވެސް ކިޔައެވެ. ފެޓް ނުވަތަ ލިޕިޑް އަކީ އޭގެ ބަރުދަނުގެ ނިސްބަތުން އެހެން އޮށްޓަރު ތަކަށްވުރެ ގިނައިން ކެލަރީ ނުވަތަ ހަކަތަ ލިބިދޭ އެއްޗެކެވެ. އެހެން ކަމުން އާންމު ގޮތެއްގައި ކާބޯތަކެތި ތިޔާގި ތަނެއްގައި ދިރިއުޅޭއިރު މިބައި ހަށިގަނޑަށް އެތެރެކުރެވޭ ގޮތާއި މިންވަރަށް ސަމާލުކަން ދޭންޖެހެއެވެ.
ފެޓް މައިގަނޑު ގޮތެއްގައި ދެބަޔަކަށް ބެހިގެންދާނެއެވެ. އެއީ ސަރުބީ އަދި ތެޔޮ އެވެ. ހޫނުމިން ދަށްތަންތާގައި ކާނާގައި ތެރޭގައި ހިމެނޭ ދިޔާވެގެންނުދާ ފެޓް އަށް ސަރުބީ' އޭ ކިޔައެވެ. ހޫނުމިން ދަށްތަންތާގައި ކާނާގެ ތެރޭގައި ހިމެނޭ ދިޔާކޮށް ހުންނަ ސަރުބީ އަކީ ތެޔޮ އެވެ. ފެޓް ލިބެނީ 3 ބާވަތެއްގެ ކާނާ އިންނެވެ.
- ސަރުބީ އާއި ތެޔޮ : މީގެ ތެރޭގައި ގޮވާމުންލިބޭ ތެޔޮ، ޒައިތޫނި ތެޔޮ، ކާށިތެޔޮ، ގިތެޔޮ، ބަޓަރު އަދި ކެއްކުމަށް ބޭނުންކުރާ ތެޔޮ ހިމެނެއެވެ.
- ޖަނަވާރުން ލިބޭ ފެޓް : މީގެ ތެރޭގައި ކުކުޅު، ކަނޑުމަސް ( ޚާއްޞަކޮށް ތެޔޮ ހުންނަ ފަރުމަސް ) ކިރު، ޗީޒް ހިމެނެއެވެ.
- ތަރުކާރީން ލިބޭ ފެޓް : މީގެ ތެރޭގައި ބަދަން، އެކި ވައްތަރުގެ މަދު، ސޯޔާބީން ފަދަ ތަކެތި ހިމެނެއެވެ.
ބައެއް ވައްތަރުގެ ކާނާގައި ފެޓް އެކުލެވިގެންވާކަން ފަސޭހައިން ދެނެގަނެވެއެވެ. މިސާލަކަށް ބަޓަރު އަދި ތެޔޮ ފަދަ ކާނާ އަކީ އެންމެނަށް ވެސް ފެޓް ހުންނަކަން ފަސޭހައިން އެނގޭނެ ކާނާ އެވެ. އަނެއް ބައި ވައްތަރަކީ އެކާނާގައި ފެޓް އެކުލެވިގެންވާކަން އެހާ ފަސޭހައިން ނޭގޭ ކާނާ އެވެ. މިސާލަކަށް އެކިވައްތަރުގެ މަދާއި ބަދަނަކީ އޭގައި ފެޓް އެކުލެވިގެންވާކަން އެހާ ފަސޭހައިން ނޭނގޭ ތަކެއްޗެވެ.
އުފެދޭގޮތް
[އުނިއިތުރު ގެންނަވާ]ފެޓް އުފެދިފައިވަނީ ފެޓީއެސިޑް(އިނގިރޭސި ބަހުން: fatty acid) ތަކެއް އެކުވެގެންނެވެ. ޓްރިގްލިސެރައިޑް އަކީ 3 ފެޓީއެސިޑް މޮލާރި(އިނގިރޭސި ބަހުން: molecule) އެކުވުމުން އުފެދޭ އެއްޗެކެވެ. އަދި ކާތަކެތި ހަޖަމުވާއިރު، މި ޓްރިގްލިސެރައިޑް ތައް ބައިބައިވެ، ފެޓީއެސިޑް ތަކަކާއި، ގްލައިސެރޯލް ކިޔާ ބާވަތެއް އުފެދެއެވެ. މިއާއެކު ސެލިތަކުގަޔާއި، ލޭގެ ތެރޭގައި އެހެން ވައްތަރެއްގެ ފެޓީއެސިޑް އެއްވެސް އުފެދެއެވެ. މިއަށްކިޔަނީ ކޮލެސްޓްރޯލް އެވެ. ކޮލެސްޓްރޯލް އަކީ ސެލިތަކާއި ހޯރމޯން ތަކާއި، އެހެންވެސް ދިޔަވަރުތައް އުފައްދާ ހަށިގަނޑު ހިންގުމަށް ބޭނުންވާ މާއްދާ އެކެވެ. ހަށިގަނޑުގެ ތެރޭގައި ތަފާތު 40 ވައްތަރުގެ ފެޓީއެސިޑް އެކުލެވިގެންވެއެވެ. އެކި ވައްތަރުގެ ފެޓީއެސިޑް ހަށިގަނޑުގައި އަދާކުރާ ރޯލް ތަފާތެވެ.
ފެޓީއެސިޑް އުފެދިފައިވަނީ ކާބަން އޮލާރި(އިނގިރޭސި ބަހުން: Atom) ތައް ހައިޑްރަޖަން އޮލާރި ތަކާއި ގުޅިގެން ހެދޭ އެކި ދިގުމިނުގެ ޗޭނުބުރި ތަކަކުންނެވެ. މިޗޭނު ބުރިތަކުގައި އޮލާރިތައް ގުޅިފައި ހުންނަ ގޮތަށް ބަލައިގެން މައިގަނޑު 2 ބަޔަކަށް ފެޓް ބަހާލެވެއެވެ. އެއީ ސެޗުރޭޓެޑް ފެޓް އާއި، އަންސެޗުރޭޓެޑް ފެޓް އެވެ. ސެޗުރޭޓެޑް ފެޓް އަކީ އެފެޓީއެސިޑް އުފެދިފައިވާ ޗޭނުބުރީގައި ޑަބަލް ގުޅުމެއް ނުހިމެނޭ ފެޓް އެވެ. ފެޓީއެސިޑް ޗޭނުބުރިއެއްގައި އެންމެ ޑަބަލް ގުޅުމެއްވާނަމަ، މޮނޮއަންސެޗުރޭޓެޑް ފެޓް އެވެ. އެކަކަށްވުރެ ގިނަ ޑަބަލް ގުޅުން ޗޭނުބުރިއެއްގައި ހުރިނަމަ، މިވައްތަރުގެ ފެޓީއެސިޑް އަށް ކިޔަނީ ޕޮލީއަންސެޗުރޭޓެޑް ފެޓް އެވެ.
އެހެންކަމުން ބަޔާންކުރެވުނު ސިފަތަކަށް ބަލާ ކާބޯތަކެތިން ލިބޭ ފެޓް 3 ބަޔަކަށް ބަހާލެވެއެވެ. އެއީ:-
- ސެޗުރޭޓެޑް ފެޓް
- ޕޮލީއަންސެޗުރޭޓެޑް ފެޓް
- މޮނޮއަންސެޗުރޭޓެޑް ފެޓް
ވައްތަރުތައް
[އުނިއިތުރު ގެންނަވާ]ސެޗުރޭޓެޑް ފެޓް
[އުނިއިތުރު ގެންނަވާ]ސެޗުރޭޓެޑް ފެޓް(އިނގިރޭސި ބަހުން: saturated fat) އަކީ ފެޓްގެ ތެރޭގައި ގިނައަދަދަކަށް ސެޗުރޭޓެޑް ފެޓީއެސިޑް އެކުލެވިގެންވާ ފެޓް އެވެ. ސެޗުރޭޓެޑް ފެޓީ އެސިޑް ގިނައިން ހުންނަ ބާވަތްތަކަކީ، ފިނިހޫނުމިން ދަށް ތަންތާގައި ދިޔާވެގެންނުދާ ވައްތަރުގެ ފެޓް އެވެ. މިސާލަކަށް ސަންފްލާވަރ އޮށުން ހޭނޭ ތެލަށްވުރެ، ގެރިމަހުގައި ހުންނަ ސަރުބީއާއި ބަޓަރު، ފިނިހޫނުމިން ދަށް ތަނެއްގައި ދިޔާވެގެން ނުގޮސް ހަރުވާނެއެވެ.
އާންމުގޮތެއްގައި ސެޗުރޭޓެޑް ފެޓް އެކުލެވިގެންވާ ކާނާގެ ތެރޭގައި ހިމެނެނީ އެއްގަމު މަސް، ކިރު އަދި ކިރުން އުފައްދާ ބާވަތްތަކެވެ. މިވައްތަރުން ލިބޭ ފެޓް އަކީ ލޭގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު މަތިކޮށް، ނާރުތަކުގެ ބައްޔާއި، ހިތުގެ ބަލިތަކަށް މީހާ ހުށަހަޅައިދޭ އެއްޗިއްސެވެ. މިވައްތަރުގެ ކޮލެސްޓްރޯލް އަށް ލޯޑެންސިޓީ ލިޕޯޕްރޮޓީން(އެލްޑީއެލް) ނުވަތަ ނުރަގަޅު ކޮލެސްޓްރޯލް އޭ ކިޔައެވެ.
ގިނަ ސެޗުރޭޓެޑް ފެޓީ އެސިޑް އިން ލޭގައި ހުންނަ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މައްޗަށްދާ ކަމުގައިވިޔަސް، ހުރިހާ ވައްތަރެއްގެ ފެޓީ އެސިޑް އަކުން މިހެނެއް ނުވެއެވެ.
އަންސެޗުރޭޓެޑް ފެޓް
[އުނިއިތުރު ގެންނަވާ]އަންސެޗުރޭޓެޑް ފެޓް(އިނގިރޭސި ބަހުން: unsaturated fat) އަކީ އަންސެޗުރޭޓެޑް ފެޓީ އެސިޑް(އިނގިރޭސި ބަހުން: unsaturated fatty acids) އެކުލެވިގެންވާ ފެޓް އެވެ. މިއީ ފެޓް އުފެދިފައިވާ ގޮތަށް ބަލައިގެން ފެޓް ބަހާލާއިރު އޭގައި ހިމެނޭ މައިގަނޑު 2 ބައިން އެއްބައެވެ. ފެޓް އުފެދުމުގެ ތެރޭގައި ހުންނަ ފެޓީ އެސިޑް ޗޭނު ބުރިއެއް ގައި ޑަބަލް ގުޅުމެއް ވާނަމަ އެއީ އަންސެޗުރޭޓެޑް ފެޓް އެވެ. ފެޓީއެސިޑް(އިނގިރޭސި ބަހުން: Fatty acids) ޗޭނުބުރިއެއްގައި އެންމެ ޑަބަލް ގުޅުމެއްވާނަމަ، މޮނޮއަންސެޗުރޭޓެޑް ފެޓް އެވެ. އެކަކަށްވުރެ ގިނަ ޑަބަލް ގުޅުން ޗޭނުބުރިއެއްގައި ހުރިނަމަ، މިވައްތަރުގެ ފެޓީއެސިޑް އަށް ކިޔަނީ ޕޮލީއަންސެޗުރޭޓެޑް ފެޓް އެވެ. ކަނޑުމަހުގައި ހުންނަ ފެޓް އާއި، އެކި ބާވަތްތަކުގެ އޮށްތަކުންނާއި، ގޮވާމުން ހާނާ ތެލުގައި ހުންނަ ފެޓް، އަދި މައިމީހާގެ ގާތުންދޭ ކިރުގައި ހުންނަ ފެޓް އަކީ އަންސެޗުރޭޓެޑް ފެޓް އެވެ. މިވައްތަރުގެ ފެޓް އިން ލޭގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު ތަފާތުކޮށްދީ، ނާރުތަކުގެ ބަލިތަކުންނާއި، ހިތުގެ ބަލިތަކުން މީހާ ދުރުކޮށްދިނުމުގައި އެހީތެރިވެދެއެވެ. މިފެޓް އިން އުފެދޭ ކޮލެސްޓްރޯލް އަށް ކިޔަނީ ހައިޑެންސިޓީ ލިޕޯޕްރޮޓީން(އެޗްޑީއެލް) ނުވަތަ ރަގަޅު ކޮލެސްޓްރޯލް އެވެ.
ޕޮލީއަންސެޗުރޭޓެޑް ފެޓް
[އުނިއިތުރު ގެންނަވާ]ޕޮލީއަންސެޗުރޭޓެޑް ފެޓް(އިނގިރޭސި ބަހުން: polyunsaturated fat) އަކީ ފެޓްގެ ތެރޭގައި ގިނަ އަދަދަކަށް އަންސެޗުރޭޓެޑް ފެޓީ އެސިޑް އެކުލެވިގެންވާ ފެޓް އެވެ. ކަނޑުމަހުގައި ހުންނަ ފެޓް އާއި، އެކި ބާވަތްތަކުގެ އޮށްތަކުންނާއި، ގޮވާމުން ހާނާ ތެލުގައި ހުންނަ ފެޓް، އަދި މައިމީހާގެ ގާތުންދޭ ކިރުގައި ހުންނަ ފެޓް އަކީ އަންސެޗުރޭޓެޑް ފެޓް އެވެ. މިވައްތަރުގެ ފެޓް އިން ލޭގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު ތަފާތުކޮށްދީ، ނާރުތަކުގެ ބަލިތަކުންނާއި، ހިތުގެ ބަލިތަކުން މީހާ ދުރުކޮށްދިނުމުގައި އެހީތެރިވެދެއެވެ. މިފެޓް އިން އުފެދޭ ކޮލެސްޓްރޯލް އަށް ކިޔަނީ ހައިޑެންސިޓީ ލިޕޯޕްރޮޓީން(އެޗްޑީއެލް) ނުވަތަ ރަގަޅު ކޮލެސްޓްރޯލް އެވެ.
މޮނޮއަންސެޗުރޭޓެޑް ފެޓް
[އުނިއިތުރު ގެންނަވާ]މޮނޮއަންސެޗުރޭޓެޑް ފެޓް(އިނގިރޭސި ބަހުން: monounsaturated fat) އަކީ އަންސެޗުރޭޓެޑް ފެޓީ އެސިޑް އެކުލެވިގެންވާ ފެޓް އެވެ. މިބައި ހިމެނެނީ ވަރަށް މަދު ކާބޯތަކެތީގައެވެ. އޭގެތެރޭގައި ޒައިތޫނި ތެޔޮ، ބަދަން ތެޔޮ ހިމެނެއެވެ. މިވައްތަރުގެ ފެޓީ އެސިޑް އިން ލޭގައި ހުންނަ ކޮލެސްޓްރޯލް އަށް އަންނަ ބަދަލުތައް އަދިވެސް ދަނީ ދިރާސާ ކުރެވެމުންނެވެ.
އާދައިގެ ގޮތެއްގައި ބެލެވެނީ ލޭގައި އެލްޑީއެލް( ނުރަގަޅު ކޮލެސްޓްރޯލް)(އިނގިރޭސި ބަހުން: low density lipoprotein) ގިނަވެއްޖެނަމަ، ހިތުގެ ބަލިތައް ޖެހުން ކައިރިކަމަށެވެ. އަދި ލޭގައި އެޗްޑީއެލް(ރަގަޅު ކޮލެސްޓްރޯލް)(އިނގިރޭސި ބަހުން: high density lipoprotein) ގިނަވާނަމަ، ހިތުގެ ބަލިތައްޖެހުން ދުރުވާކަމަށެވެ.
ވަޒީފާ
[އުނިއިތުރު ގެންނަވާ]މަތީގައި ބަޔާންކުރެވިފައިވާ 3 ވައްތަރުގެ ފެޓް އިންސާނާގެ ހަށިގަނޑުގައި ތަފާތު އެކިގޮތްގޮތަށް ބޭނުންކުރެވެއެވެ. އެއީ:-
- ހަށިގަނޑުގައި ހަކަތަ އުފެއްދުން: އިންސާނާގެ ހަށިގަނޑުގައި ކާބޯސްގެ އެއްގްރާމުން ފޯރުވައިދޭ ހަކަތައިގެ ދެގުނަ ފެޓް އެކުލެވޭ ކާނާއެއްގެ އެއްގްރާމުން ފޯރުވައިދެއެވެ.
- ފެޓް އަކީ ހަށިގަނޑުގައިވާ ދިރު ތައް ވަރުގަދަ ކުރުމަށާއި، ހަށިގަނޑުގެ އެކިބައިތަކުގެ މަސައްކަތަށް އެހީތެރިވުމަށާއި، އަދި ހަށިގަނޑަށް ބޭނުންވާ ވިޓަމިން އޭ ކޮށާރުކުރުމުގައި އެހީތެރިވާ އެއްޗެކެވެ.
- ފެޓް އަކީ ހަށިގަނޑުގައި ހަކަތަ އުފެއްދުމަށް ކޮށާރުކޮށްފައި ބެހެއްޓޭ އެއްޗެކެވެ.
- ގުރުދާ ފަދަ ނާޒުކު ގުނަވަންތައް ހިމާޔަތްކުރުމާއި، ފިނިން ހަށިގަނޑު ރައްކާތެރިކޮށްދިނުން
ޞިއްހަތަށް ފައިދާހުރި ކާނާ ފުރިހަމަވާނީ އޭގައި ފެޓް އެކުލެވިގެންނެވެ. ފެޓް އަކީ ހަށިގަނޑުގައި އެކުލެވޭ އެކި ބާވަތްތަކުގެ މައުދަންތަކާއި އެކުވެގެން ހަކަތަ އުފައްދާ އެއްޗެކެވެ. އެހެންނަމަވެސް ހަށިގަނޑަށް ބޭނުންވާ ހަކަތައިގެ 3 ބައިން އެއްބަޔަށްވުރެ ގިނައިން ފެޓް އިން ހަކަތަ ލިބުމަކީ ވަރަށް ގެއްލުން ހުރި ކަމެކެވެ. ޚާއްޞަކޮށް ސެޗުރޭޓެޑް ފެޓް (ޖަނަވާރުގެ ސަރުބީ) އިން ލިބޭ ކެލަރީ ދުވަހަކަށް ބޭނުންވާ މުޅި ކެލަރީގެ ދިހަ ބައިކުޅަ އެއްބަޔަށްވުރެ އިތުރުވިޔަދީގެން ނުވާނެއެވެ.
ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ފެޓީ އެސިޑް ތަކެއް ވެއެވެ. އެއީ ލިނޯލެއިކް އެސިޑް އާއި ލިނޯލެނިކް އެސިޑް އެވެ. އެއީ މިމުހިއްމު ދެބާވަތް އުފެއްދުމުގެ ކުޅަދާނަކަން ހަށިގަނޑަށް ލިބިފައި ނުވާތީ އެވެ. މިދެބާވަތުގެ އެސިޑް ހަށިގަނޑުގައިވާ ދިރުތައް (ޚާއްޞަކޮށް ސިކުނޑި އާއި ނާރުތަކުގެ ދިރުތައް) އުފެއްދުމަށާއި، ހަށިގަނޑުގެ ހިންގުމުގެ މަސައްކަތްތަކުގައި އެހީތެރިވެދެއެވެ. މިފަދަ އެސިޑް އަކީ ހަށިގަނޑަށް ކޮންމެހެން ބޭނުންތެރި އެސިޑް ތަކެވެ. މިފަދަ އެސިޑް އަށް ކިޔަނީ މުހިއްމު ފެޓީ އެސިޑް(އިނގިރޭސި ބަހުން: essential fatty acids) އެވެ. އެއީ މިބާވަތްތައް ފުދޭވަރަށް ލިބޭ ވައްތަރުގެ ފެޓް ކާނާގައި ހިމަނަން ޖެހޭތީ އެވެ.
ހަށިގަނޑުގައި އެންމެ ގިނައިން ފެޓީ އެސިޑް އުފައްދަނީ ކާބޯސް އިންނެވެ. އެހެން ކަމުން ކާބޯސް ގިނައިން ކެއުމަކީ ވެސް ބޭނުންނުވާ ފެޓްތައް ހަށިގަނޑުގައި ގިނަވެ ގެއްލުން ލިބޭނެ ކަމެކެވެ.
ރިފަރެންސް
[އުނިއިތުރު ގެންނަވާ]- ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003